މެޑްޓެކް އިން ރާއްޖެ ގެނައި މެޑިކަލް ސާމާނު ވީއައިއޭ އަށް ބާލަނީ: ފޮޓޯ މޯލްޑިވިއަން

ކޮވިޑަށް ފަރުވާދޭ މެޑިކަލް ސާމާނު، މެޑްޓެކް އިން ރާއްޖެ ގެނެސްފި

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންވާ މެޑިކަލް ސާމާނު، "މެޑްޓެކް" ކުންފުނިން ރާއްޖެ ގެނެސްފިއެވެ.

މެޑިކަލް ސާމާނު ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މޯލްޑިވިއަންގެ އެ ފްލައިޓްގައި 5،000 ކިލޯގެ ކާގޯ ރާއްޖެ ގެނެސްފައިވާއިރު އޭގެ ތެރޭގައި 4،500 ކިލޯގެ މެޑިކަލް ސަޕްލައި ހިމެނެއެވެ.

ދުބާއީ އިން ގެނައި މެޑިކަލް ސަޕްލައިގެ ތެރޭގައި 105 ކޭސް ސާމްޕަލް ކެރިއާ، 40 ކޭސް ތުރިޕްލް ޕެކޭޖިން ބޮކްސް ހިމެނެއެވެ. އޭގެ އިތުރުން 13،600 ޑިސްޕޯސަބަލް ފޭސް ޝީލްޑް ހިމެނެއެވެ.

މެޑްޓެކް ކުންފުންޏަކީ ހެލްތުކެއާ، މެޑިކަލް އަދި ފާމަސޫޓިކަލްސް އުފެއްދުންތައް ރާއްޖެ އެތެރެ ކުރާ ކުންފުންޏެކެވެ.

ކޮވިޑް-19 ގެ 36 ކޭސް ރާއްޖެއިން ފެނިފައިވާއިރު، އޭގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މާލެ-ސިޓީން ކޮވިޑް-19 ފެނިގެން ދިއުމާއެކު މާލެ-ސިޓީ ލޮކްޑައުން ކޮށްފައިވާއިރު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.