މަންޓާ އިން މިމަހު ރާއްޖެ ގެނައި ސީޕްލޭނެއް: ފައިލް ފޮޓޯ ވީއައިއޭ ފޭސްބުކް

މަންޓާ އެއާގެ ތިންވަނަ ސީޕްލޭން ރާއްޖެ ގެންނަނީ

މަންޓާ އެއާގެ ތިންވަނަ ސީޕްލޭން، އަންނަ އަންގާރަ ދުވަހު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

އެ އެއާލައިނުން ބުނި ގޮތުގައި، އެ ސީޕްލޭން ރާއްޖެ އައުމަށް މިހާރު ވަނީ ދަތުރު ފަށާފައެވެ.

ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން މަންޓާ އެއާއިން ވަނީ ދެ ސީޕްލޭން މިމަހު ރާއްޖެ ގެނެސްފައެވެ. އަދި އަންނަ މަހުގެ ތެރޭގައި ސީޕްލޭންގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

މިއަހަރު ނިމުމުގެ ކުރިން މަންޓާއެއާގެ ސީޕްލޭން ފްލީޓް 10 އަކަށް އިތުރުކުރުމަށް އެ އެއާލައިނުން ވަނީ ނިންމާފައެވެ.

މަންޓާ އެއާއިން މިހާރުވެސް ދަނީ ދާލު އެއާޕޯޓަށާއި ދަރަވަންދޫ އެއާޕޯޓަށް ދަތުރުތައް ބާއްވަމުންނެވެ. އެ ދަތުރުތަކަށް މަންޓާއިން ބޭނުންކުރަނީ އޭޓީއާރް 600-72 މަރުކާގެ ފްލައިޓެވެ.