ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 14.3 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 14.3 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ލިބިފައިވާ މައުލޫމާތާއި، ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ފެސިލިޓީތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 177140 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރޭގައި ވައިގެ މަގުން ޒިޔާރަތްކުރި 173347 ފަތުރުވެރިންނާއި ކަނޑުމަގުން ޒިޔާރަތްކުރި 3793 ފަތުރުވެރިން ހިމެނެއެވެ.

މިއަހަރުގެ ޖެނުއަރީ މަހު، ވައިގެ މަގުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެގައުމުން 31744 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ އެ މަހު، ވައިގެ މަގުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 18.3 އިންސައްތައެވެ.

ވައިގެ މަގުން ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން، ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރީ އިޓަލީންނެވެ. އިޓަލީން 20766 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ވައިގެ މަގުން، ޖެނުއަރީ މަހު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެގައުމުން 13845 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.

މިއަހަރުގެ ޖެނުއަރީ މަހު، ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ 51958 އެނދުގެ ތެރެެެއިން 50500 އެނދު އޮޕަރޭޓް ކުރެވިފައިވެއެވެ. މި މުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ބެޑްނައިޓްސްގެ އަދަދު ވަނީ 9.9 އިންސައްތަ އިތުރުވެފައެވެ.