ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރަނީ: ފައިލް ފޮޓޯ ފިޝަރީޒް މިނިސްޓްރީ

ތުތިބޯވަދިލަ މަހުގެ މަސްވެރިކަމަށް ބޭނުންވާ ސާމާނު ދޫކުރަނީ

ތުތި ބޯވަދިލަމަސް (ޑައިމަންޑް ބެކް ސްކުއިޑް) ގެ މަސްވެރިކަން އާލާ ކުރުމުގެ ގޮތުން ދިގު މުއްދަތުގައި އަގު އަދާކުރާ ގޮތަށް، އެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތް ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމް އާންމުކޮށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން ބުނީ މިއީ މިފަދަ ހަ ވަނަ ޕްރޮގްރާމް ކަމަށާއި މި ފިޔަވަހީގައި ދޫކުރާނީ ދެ ސެޓް ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަށް ދޫކުރާ ތަކެތި ބަލަން ބޭނުންވާ ފަރާތްތަކަށް، ހުޅުމާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި ހުންނަ އެ މިނިސްޓްރީގެ ފެޑް ސެންޓަރު، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އެ ތަކެތި ފެންނަން ހުންނާނެ ކަމަށެވެ.

ދިގު މުއްދަތުގައި އަގު އަދާކުރާ ގޮތަށް ދޫކުރާ އެ ތަކެއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ އޮފީސް ބަންދުވުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގައި މިހާރުވެސް ތުތި ބޯވަދިލަމަހުގެ މަސްވެރިކަން އަންނަނީ ކުރަމުންނެވެ. ތުތިބޯވަދިލަ މަސް ކިލޯއެއް 180 ރުފިޔާއަށް ވިކިފައިވެއެވެ.