ވީއައިއޭގައި ޕްރައިވެޓް ޖެޓްތަކެއް: ފައިލް ފޮޓޯ އެމްއޭސީއެލް ޓްވިޓާ

އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 263 މިލިއަން ރުފިޔާ ލިބިއްޖެ

އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި މިއަހަރު ދައުލަތަށް 263 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 263.9 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ދައުލަތަށް 601.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް، އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 261.6 މިލިއަން ރުފިޔާއެވެ. މިިދިޔަ އަހަރުގެ އެ މުއްދަތުގައި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ދައުލަތަށް 599.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެއާޕޯޓް ސާވިސް ޗާޖަކީ ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުން އަތުން، ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރުގެ ރޭޓުގައި ނެގޭ ޓެކުހެކެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން، މި ޓެކުހުން އިސްތިސްނާވާނެއެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ 1 މޭ 2017 ނުވަތަ އެ ދުވަހުގެ ފަހުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއާޕޯޓް ސާވިސް ޗާޖްގެ އިތުރުން، ނެގޭ ފީއެކެވެ. މި ފީ ނެގޭ ރޭޓަކީ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރެވެ. މި ފީއިން އިސްތިސްނާ ކުރެވިފައިވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކެވެ.