ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަން ގުޅައިދިނުން މުޅިން ހިލޭ
ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ދިރާގުން މިއަދު ތައާރަފުކޮށްފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބަރ ކޭބަލްއެއް އަޅާފައިވާ އިމާރާތްތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރުން 50 އިންސައްތަ ޑިސްކައުންޓްވެސް ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. އޭގެ އިތުރުން، ދިރާގު ފައިބަރ ކޭބަލް ނެތް އިމާރާތްތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން 50 އިންސައްތަ ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. މި ޕްރޮމޯޝަނަކީ މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަނެކެވެ.
ދިރާގުން ބުނި ގޮތުގައި މި ހާއްސަ ޕްރޮމޯޝަންގައި މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ދިރާގު ފައިބަރ ބްރޯޑްބޭންޑަށް އެދޭ ކަސްޓަމަރުންގެ ތެރެއިން 25 ނަސީބުވެރި ފަރާތަކަށް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖުގެ މަހު ފީ އިން 50 އިންސައްތަ ޑިސްކައުންޓް ދެ މަސް ދުވަހަށް ލިބިގެންދާނެއެވެ.
"މިދުވަސްވަރަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވައި ދުވަސްވަރަކަށްވެފައި، އިންޓަނެޓަށް ބަރޯސާވާން ޖެހޭ މިންވަރު ބޮޑުވެ އިތުބާރު ހިފޭ ނެޓްވާރކް އަކައި ގުޅާލުން މިވަނީ އަސާސީ ބޭނުމަކަށް ވެފައި. އެހެންކަމުން މިއީ ރާއްޖޭގެ އެންމެ ފުޅާ އަދި އެންމެ ހަލުވި ފައިބަރ ނެޓްވޯކް ގެޔަށް ލާން ލިބޭ ރަނގަޅު ފުރުސަތެއް. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކެޖްތައް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންގެ ބޭނުންތަކަށްބަލާ ތަފާތު ޑޭޓާ އެލަވަންސްތަކައި ހަލުވި ސްޕީޑް ހިމެނޭ ގޮތަށް. އަދި މީގެ އިތުރުން ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ލިބޭ ޕެކޭޖް އަދި އެންމެ ބާރު ސްޕީޑް ލިބޭ 1Gbps ޕެކޭޖްވެސް ދިރާގުން ލިބިގެންދާނެ" ދިރާގު ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވިއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް މިހާރު ގެންގުޅުއްވާ ކަސްޓަމަރުންނަށް މިހާރު 50 އިންސައްތަ އިތުރު ހިލޭ ޑޭޓާ ފައިބަރ ބޫސްޓާތަކުން މާޗް މަހުގެ ނިޔަލަށް ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް އަދި 64 ރަށަށް މި ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.