ބީއެމްއެލްއަށް އާ ސީއީއޯއެއް އައްޔަންކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކަށް ޓިމޮތީ ސޯޔާ ހަމަޖައްސައިފިއެވެ.
ޓިމޮތީއަކީ ބައިނަލްއަގްވާމީ މާލީ ދާއިރާގައި 30 އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޓިމޮތީ ވަނީ އެގްޒެކެޓިވް އާއި ބޯޑު ފެންވަރުގައި 20 އަހަރު މަސައްކަތް ކުރައްވާފައެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކްގެ ސީއީއޯގެ މަގާމާ ހަވާލުވުމުގެ ކުރިން ޓިމޮތީ ހުންނެވީ އިނގިރޭސިވިލާތުގެ އިނޮވޭޓް ޔޫކޭގެ ޗީފް އިންވެސްޓްމަންޓް އޮފިސަރުގެ މަގާމުގައެވެ.
ޓިމޮތީ ވަނީ އިނގިރޭސިވިލާތުގެ ސްޓާޓް އަފް ލޯންސްގެ ސީއީއޯކަން ކުރައްވާފައެވެ. ކުދި ވިޔަފާރި ކުރިއެރުވުމަށް ޓިމޮތީ ކުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެއްވާ ކޮމާންޑް އޮފް ދަ މޯސްޓް އެކްސެލެންޓު އޮފާ އޮފް ދި ބްރިޓިޝް އެމްޕަޔާ (ސީބީއީ) އެވޯޑް ޓިމޮތީއަށް ވަނީ ލިބިފައެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ޓިމޮޓީ ވަނީ ކަހޫޓް އަދި ކެންޓް ރިލަޔަންސް ފަދަ މާލީ އިދާރާތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އޭގެ އިތުރުން ބޭންކް ޑުބޮއާ އޮފް ސުވިޒަލޭންޑްގެ ޗެއާމަން ކަމާއި ޔޫކޭގެ ލޯނު ދޫކުރާ ކުންފުންޏެއް ކަމަށްވާ "ފޯކް2ފޯކް" ގެ ޗެއާމަންކަންވެސް ކުރައްވާފައެވެ.