ވީއައިއޭގައި ފްލައިޓްތަކެއް - ފައިލް ފޮޓޯ ވީއައިއޭ ފޭސްބުކް ޕޭޖް

ރާއްޖެއަށް އެންމެ ގިނަ ފަސިންޖަރުން އުފުލީ އެމިރޭޓްސްއިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަސިންޖަރުން އުފުލި އެއާލައިނަކަށް އެމިރޭޓްސްވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން މެއި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 1062 ފްލައިޓް މޫވްމެންޓާއެކު އެމިރޭޓްސް އިން ވަނީ ރާއްޖެއަށް 90،249 ފަސިންޖަރުން އުފުލާފައެވެ.

ދެވަނައަށް އެންމެ ގިނަ ފަސިންޖަރުން އުފުލާފައިވަނީ ގަތަރު އެއާވޭސް އިންނެވެ. 784 ފްލައިޓް މޫވްމެންޓާއެކު އެ އެއާލައިނުން ވަނީ 67،634 ފަސިންޖަރުން އުފުލާފައެވެ.

ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަސިންޖަރުން އުފުލާފައިވަނީ ރަޝިއާގެ އެއާލައިނެއް ކަމަށްވާ އެއިރޯފްލޮޓް އިންނެވެ. އެއިރޯފްލޮޓްއިން 60،802 ފަސިންޖަރުން އުފުލާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރަޝިއާއަކީ، ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެގައުމުން މިއަހަރުގެ ރާއްޖެއަށް 103،042 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.