ކޮރެއަން އެއާ: ފައިލް ފޮޓޯ ކޮރެއަން އެއާ ފޭސްބުކް

ކޮރޯނާ ވައިރަސް: ކޮރެއަން އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލަނީ

ކޮރޯނާ ވައިރަސް ފެތުރެމުންދާތީ، ދެކުނު ކޮރެއާގެ ކޮރެއަން އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.

ކޮރެއަން އެއާގެ ދަތުރުތައް މެދުކަނޑާލާއިރު، ޗައިނާ ފިޔަވައި ކޮރޯނާ ވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އެއް ގައުމަކީ ދެކުނު ކޮރެއާއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ކޮރެއަން އެއާގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށާއި އެ އެއާލައިންގެ ދަތުރުތައް މެދުކަނޑާލީ ކޮރޯނާ ވައިރަސްއާ ގުޅިގެން ކަމަށެވެ.

ދަތުރުތައް މެދުކަނޑާލާއިރު، ކޮރެއަން އެއާއިން ރާއްޖޭގައި ކުރާ އެންމެ ފަހު ދަތުރު މިއަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރާ ވައިގެ ދަތުރުތައްވެސް ވަނީ މެދުކަނޑާލާފައެވެ.