ބީއެމްއެލް: ފައިލް ފޮޓޯ ބީއެމްއެލް

ބީއެމްއެލްގެ ބައެއް ހިދުމަތްތައް ދޭން އެޕޮއިންޓްމަންޓް ހަމަޖައްސައިދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތްތަކުގެ ތެރެއިން އޮންލައިން އަދި ސެލްފް-ސާވިސް ބޭންކިން މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަސްޓަމަރުންނަށް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ކަމަށް އެ ބޭންކުން ބުނެފިއެވެ.

މާލެ ސިޓީގެ ފުރަބަންދަށް ލުއިތަކެއް ދީފައިވާއިރު، އޮންލައިން އަދި ސެލްފް-ސާވިސް ބޭންކިން މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް މާދަމާއިން ފެށިގެން ހުޅުވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު ފަހު 14:00 އަށެވެ.

"މި ގޮތުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހަމަޖައްސައިގެން އަދި ހަމައެހެންމެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށްވާތީވެ، ދުވާލަކަށް ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އަދަދެއްގެ ކަސްޓަމަރުންނަށެވެ." ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ބޭންކްގެ ވެބްސައިޓްގައިވާ ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް، އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް މެއިން ބްރާންޗް، ހުޅުމާލޭ ބްރާންޗް، ވިލިމާލޭ ބްރާންޗް އަދި ބީއެމްއެލް އިސްލާމިކް ބްރާންޗުން ދޭ ހިދުމަތްތައް:

ކޭސް ޓްރާންސެކްޝަން (ސެލްފް-ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ނުލިބޭ)،

25،000 ރުފިޔާއިން މަތީގެ އަދަދުގެ ފައިސާ ނެގުމުގެ ހިދުމަތް،

ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރުމާއި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރުން،

ކަސްޓަމަރުން ބްރާންޗަށް ވަޑައިގެން ވެރިފައި ކުރަންޖެހޭ އެޕްލިކޭޝަންތަކުގެ ހިދުމަތް،

ޕާސަނަލް އިންފޮމޭޝަން އަޕްޑޭޓް ކުރުން،

އިންޓަނެޓް ބޭންކިން އަށް އެދި ހުށަހެޅުން،

ޗެކް ފޮތަށް އެދި ހުށަހެޅުމާއި ހަވާލުކުރުން،

ރިޓާން ޗެކް ބަލައިގަތުން،

ބޭންކް ގެރެންޓީ،

ބީއެމްއެލް އިން ބުނި ގޮތުގައި ހުޅުމާލޭ އަދި ވިލިމާލޭ ބްރާންޗް މެދުވެރިކޮށް ކާޑު ދޫކުރުމާއި އެކައުންޓް ހުޅުވުމުގެ ހިދުމަތް ލިބިގެންދާނެއެވެ. އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ކާޑު ދޫކުރުމާއި އެކައުންޓް ހުޅުވުމުގެ އިތުރުން ޕާސަނަލް އަދި ބިޒްނަސް ފައިނޭންސިން އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.

އެކައުންޓް އޯޕްނިން ސެންޓަރު (މާލެ ސްކޮއާ) : އެކައުންޓް ހުޅުވުމުގެ ހިދުމަތް (އަލަށް އެކައުންޓް ހުޅުވާ އާންމު ފަރުދުންނަށް)

ބީއެމްއެލް އިން ބުނި ގޮތުގައި މާލެ ސްކޮއާގައި ހުންނަ ލޯން ސެންޓަރު މެދުވެރިކޮށް ލައިފްސްޓައިލް ލޯން، ކިޔަވާ ލޯން، ހޯމް ލޯން، ހޯމް ކޮންސްޓްރަކްޝަން ލޯން އާ ގުޅުން ހުރި ހިދުމަތްތައް ލިބޭނެއެވެ. ބީއެމްއެލްގެ ލުއި އެކްސްޕްރެސް އަދި މައިކްރޯ ލޯންގެ އެޕްލިކޭޝަން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މާލޭ ބިޒްނަސް ސެންޓަރު އަދި ހުޅުމާލޭ ބިޒްނަސް ސެންޓަރުން ވިޔަފާރިތަކަށް އެކައުންޓް ހުޅުވުމުގެ ހިދުމަތާޢި ވިޔަފާރިތަކުން ލޯނަށް އެދި ހުށަހެޅުމުގެ ހިދުމަތް ލިބޭނެ ކަމަށާއި ކަސްޓަމާ ސާވިސް ސެންޓަރުން ކާޑު ހަވާލު ކުރުމުގެ ހިދުމަތް ލިބޭނެ ބީއެމްއެލް ބުނެފައިވެއެވެ.

ހިދުމަތް ހޯދުމަށް ބީއެމްއެލްގެ ބްރާންޗަކަށް ނުވަތަ ސެންޓަރަކަށްދާއިރު މާސްކް އެޅުމަށާއި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ. އަދި އަމިއްލަ ގަލަމެއް ގެންދިއުމަށާއި ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުމަށް ސަމާލުކަން ދިނުމަށް އެ ބޭންކުން ވަނީ އެދިފައެވެ.