ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ތެރެއިން: ފައިލް ފޮޓޯ ޕްލޭނިން މިނިސްޓްރީ

ގްރީން ޓެކްސްގެ ގޮތުގައި 271 މިލިއަން ރުފިޔާ ލިބިއްޖެ

އެޕްރީލް މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 271 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާދިއްތަ ދުވަހު ވަނީ، މިއަހަރުގެ ޖެނުއަރީ އިން އެޕްރީލްގެ ނިޔަލަށް ގްރީން ފަންޑަށް ލިބުނު އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހު ގްރީން ފަންޑަށް ލިބިފައިވަނީ 84.9 މިލިއަން ރުފިޔާއެވެ. ފެބްރުއަރީ މަހު ގްރީން ފަންޑަށް 77 މިލިއަން ރުފިޔާ ލިބުނުއިރު މާޗް މަހު އެ ފަންޑަށް 74 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެޕްރީލް މަހު ގްރީން ފަންޑަށް ލިބުނީ 35.7 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު ގްރީން ފަންޑުން 584،000 އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. ފެބްރުއަރީ މަހު ގްރީން ފަންޑުން 25.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މާޗް މަހު ގްރީން ފަންޑުން 47 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި އެޕްރީލް މަހު 7.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ގްރީން ފަންޑުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.