އެމްއައިބީގައި ހުރި ޑޯމަންޓް އެކައުންޓްތަކުގެ މައުލޫމާތު އާންމުކޮށްފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ބޭނުން ނުކުރާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެކައުންޓްތަކުގެ މައުލޫމާތު އެ ބޭންކުން އާންމުކޮށްފިއެވެ.
އެ ބޭންކުން ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ބޭންކިން އާ ބެހޭ ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ވިދިވިދިގެން ފަސް އަހަރު ދުވަސް ވަންދެން އެކައުންޓެއްގެ ވެރި ފަރާތުން އެ އެކައުންޓަކުން އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނަމަ ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވައިފައި ނުވާނަމަ، އެ އެކައުންޓަކީ ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ.
މިވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މުއާމަލާތެއް ހިނގައިފައި ނުވާކަމަށް އެމްއައިބީގެ ރިކޯޑްތަކުން ދައްކާ ހުރިހާ އެކައުންޓެއްގެ ވެރިފަރާތަށް ބޭންކްގެ ފަރާތުން ސިޓީ ފޮނުވާފައިވާނެ ކަމަށްވެސް އެބޭންކުން ކުރި އިއުލާނުގައިވެއެވެ.
ރާއްޖޭގެ ބޭންކިން އާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން އެގޮތަށް ކަސްޓަމަރުންނަށް އެންގުމަށްފަހު، އެ ކަސްޓަމަރުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބިއްޖެނަމަ، އެ ފަރާތްތަކުގެ ނަންތައް ދުވަހު ނޫހުގައި ޝާއިއުކުރުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައިވެސް އާންމު ކުރެވޭނެއެވެ. އެމްއައިބީ އިން ވަނީ ޑޯމަންޓް އެކައުންޓްގެ ތަފުސީލު ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައެވެ.
އެގޮތަށް އިއުލާންކުރާތާ 60 ދުވަސް ހަމަވުމުން، އެ ފަރާތްތަކުގެ އެކައުންޓްތަކުގައިވާ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަވާލުކުރުމަށްފަހު، އެކައުންޓްތައް ބަންދުކުރުމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
އެކައުންްޓް އެކްޓިވޭޓް ކުރުމަށް، ބޭންކްގެ ކަސްޓަމާ މައުލޫމާތު ފޯމު ފުރުމަށްފަހު އެމްއައިބީގެ ބްރާންޗަކަށް ހުށަހެޅުމަށް އެ ބޭންކުން ވަނީ އެދިފައެވެ. ފޯމާއެކުގައި، އަސްލާ އެއްގޮތް އެއްޗެއްކަން އަންގައިދޭ ތައްގަނޑު ޖަހައިފައިވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ބޭންކަށް އީމެއިލް ކުރުމުންވެސް އެކައުންޓް އެކްޓިވޭޓް ކުރެވޭނެ ކަމަށް އެމްއައިބީ އިން ވަނީ ބުނެފައެވެ.
އެމްއައިބީ އިން ކުރި އިއުލާނުގައި ބުނީ، މި އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެކައުންޓް އެކްޓިވޭޓް ކުރުމަށް އެދިފައި ނުވާނަމަ، ދިވެހިރާއްޖޭގެ ބޭންކިން އާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން އަމަލު ކުރެވޭނެ ކަމަށެވެ.