ބަންޑާރަނައިކަ އެއާޕޯޓް: ފޮޓޯ ޓީޓީޖީ އޭޝިއާ

ލަންކާއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފި

ކޮވިޑް-19 އާ ގުޅިގެން، ސްރީލަންކާއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ މިއަދު ހެނދުނު 06:00 އިން ފެށިގެން ލަންކާއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް ދިވެހިންނާއި ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ އެހެން ގައުމަކަށް ނިސްބަތްވާ މީހުންނަށް ރާއްޖެ އާދެވޭނެ ކަމަށް ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވެއެވެ.

އިމިގްރޭޝަންގެ ޓްރެވަލް އެޑްވައިޒަރީގައިވާ ގޮތުން ފާއިތުވި 14 ދުވަހުގެ ތެރޭގައި ލަންކާއަށް ދަތުރުކޮށްފައިވާ ފަރާތްތަކަށްވެސް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ އަދި ރާއްޖޭގައި ޓްރާންސިޓްކުރުމުގެ ހުއްދަ ނުލިބޭނެއެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ބައެއް ގައުމުތަކުން ރާއްޖެއަަށް މީހުން ވަނީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން މަނާކޮށްފައެވެ. ޓްރެވަލް އެޑްވައިޒަރީގައިވާ ގޮތުން، ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ ގައުމަކުން ދިވެހިން ރާއްޖެ އަންނަން ބޭނުން ނަމަ އާދެވޭނެއެވެ. އަދި ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ އެހެން ގައުމެއްގެ މީހަކަށްވެސް އާދެވޭނެއެވެ. ނަމަވެސް ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ފިޔަވައި ރާއްޖެ އަންނަ ހުރިހާ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަންޖެހޭ ގޮތަށް ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އިޓަލީ، އީރާން، ބަންގްލަދޭޝް، ސްޕެއިން، މެލޭޝިޔާ އަދި އިނގިރޭސިވިލާތް ހިމެނެއެވެ. އޭގެ އިތުރުން ދެކުނު ކޮރެއާ، ފްރާންސް، އަދި ޖަރުމަނުގެ ބައެއް ސަރަހައްދުތަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފައެވެ.