ރަށެއްގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ކުރިއަށް ދަނީ: ފައިލް ފޮޓޯ ޕްލޭނިން މިނިސްޓްރީ

ދައުލަތުގެ ހަރަދު 12 ބިލިއަން ރުފިޔާއަށް އަރައިފި

ދައުލަތުގެ ހަރަދު 12.7 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބު، ބުދަ ދުވަހު އެ މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ހަރަދުގެ 71 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. އަދި 29 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.

ސެލަރީ، ވޭޖްސް އަދި ޕެންޝަނަށް 4.9 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 4.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އާސަންދައަށް 586 މިލިއަން ރުފިޔާ އަދި ސަބްސިޑީޒަށް 614 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މިއަހަރުގެ ޖުލައި ނުވަ ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.7 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 78 އިންސައްތައަކީ ޓެކްސް އާމްދަނީއެވެ. އަދި 22 އިންސައްތައަކީ ނޮން-ޓެކްސް އާމްދަނީއެވެ. ޓެކްސް އާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ލިބުނުއިރު ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.