ބީއެމްއެލް ފައިލް ފޮޓޯ ބީއެމްއެލް

ފްރާންސް ދެކޮޅު ޓިކެޓް ލިބޭ ކުއިޒެއް ބީއެމްއެލް އިން ފަށައިފި

ފްރާންސްގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑް ކަޕާ ދިމާކޮށް، ފްރާންސް ދެކޮޅު ޓިކެޓް ލިބޭ ކުއިޒެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ.

"ބީއެމްއެލް ވޯލްޑް ކަޕް މަޖާ" ގެ ނަމުގައި ކުރިއަށް ގެންދާ އެ ކުއިޒް ކުރިއަށް ގެންދަނީ ބީއެމްއެލްގެ ފޭސްބުކް އަދި ޓްވިޓާ މެދުވެރިކޮށެވެ. ކުއިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 އިން އަންނަ ޖުލައި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

ފޭސްބުކް އާއި ޓްވިޓާއަށްލާ ސުވާލަށް ދީފައިވާ އިހުތިޔާރީ ތިން ޖަވާބުގެ ތެރެއިން ރަނގަޅު ޖަވާބު ޖެހުމަށްފަހު، ވޯލްޑްކަޕްމަޖާ ހޭޝްޓެގް ޖަހައި ކޮމެންޓް ކުރުމުން މުބާރާތުގައި ބައިވެރިވެވޭނެއެވެ. ކުއިޒްގެ ސުވާލަށް އެރޭ 12 ޖެހުމުގެ ކުރިން ޖަވާބު ދޭން ޖެހެއެވެ.

ކުއިޒްގެ ސުވާލުތަކަށް އެންމެ ގިނައިން ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އިތުރު މީހަކާއެކު ފްރާންސް ދަތުރުކުރުމުގެ ދެކޮޅު ޓިކެޓް ލިބިގެންދާނެއެވެ. އަދި ސްޕެންޑިން އެލަވަންސްގެ ގޮތުގައި 1،000 ޑޮލަރު ލިބޭނެއެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ކުއިޒްގެ ނަސީބުވެރި ފަރާތް ފޭސްބުކް އަދި ޓްވިޓާ މެދުވެރިކޮށް ޖުލައި މަހުގެ ނުވަ ވަނަ ދުވަހު އިއުލާނު ކުރެވޭނެއެވެ.