ދައުލަތުގެ އާމްދަނީ 5 ބިލިއަން ރުފިޔާއަށް، ހަރަދު 7 ބިލިއަން ރުފިޔާއަށް
ދައުލަތަށް އާމްދަނީގެ ގޮތުގައި 5.34 ބިލިއަން ރުފިޔާ ލިބުނުއިރު، 7.10 ބިލިއަން ރުފިޔާ ހަރަދުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހަރަދުގެ ތަފުސީލު އާންމުކޮށްފައެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް 7.64 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއަހަރު ދައުލަތަށް ލިބުނު އާމްދަނީގެ 85 އިންސައްތައަކީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޓެކްސް އާމްދަނީގެ ގޮތުގައި މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނީ 4.5 ބިލިއަން ރުފިޔާއެވެ. ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 788 މިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު، އެހީގެ ގޮތުގައި 21.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި ދައުލަތުން ކުރި ހަރަދު ވަނީ ކުޑަވެފައެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ހަރަދުކޮށްފައިވަނީ 7.29 ބިލިއަން ރުފިޔާއެވެ.
މިއަހަރުގެ އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް ކުރުކޮށް:
މުސާރަ، އިނާޔަތް އަދި ޕެންޝަން: 2.6 ބިލިއަން ރުފިޔާ
އިދާރީ އަދި ހިންގުމުގެ ހަރަދު: 2.5 ބިލިއަން ރުފިޔާ
އާސަންދަ: 415.5 މިލިއަން ރުފިޔާ
ސަބްސިޑީޒް: 506.5 މިލިއަން ރުފިޔާ
ކޮވިޑް-19 އާ ގުޅިގެން، ރާއްޖެއިން އޮން-އެރައިވަލް ވިސާ ދޫކުރުން މިހާރު ވަނީ މެދު ކަނޑާލާފައެވެ. ސަރުކާރުން އުންމީދުކުރަނީ މިއަހަރުގެ ތެރޭގައި ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލެވޭނެ ކަމަށެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިމަހުގެ ތެރޭގައި ހާމަކުރި ގޮތުގައި ކޮވިޑް-19 އަށް ތައްޔާރުވުމަށް ސަރުކާރުން 560 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އޭގެ ތެރޭގައި ޕީޕީއީ އާއި މެޑިކަލް އިކުއިޕްމެންޓަށް ހޭދަކުރި ފައިސާވެސް ހިމެނެއެވެ. އޭގެ އިތުރުން އައިސީޔޫ އެނދުތަކާއި އައިސޮލޭޓް ކުރާ ތަންތަން ހެދުމަށް ހޭދަކުރި ފައިސާ ވެސް ހިމެނެއެވެ.