އާ ޕަސެންޖާ ޓާމިނަލްގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ އެމްއޭސީއެލް

ވީއައިއޭ އާ ޓާމިނަލް: ޒޯން 3 ގެ ފުރަތަމަ ފަންގިފިލާގެ ސްލެބްގެ މަސައްކަތް ނިމިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ އާ އިންޓަނޭޝަނަލް ޕަސެންޖާ ޓާމިނަލްގެ ޒޯން ތިނެއްގެ ފުރަތަމަ ފަންގިފިލާގެ ސްލެބް މަސައްކަތް ނިންމާލައިފިއެވެ.

އާ އިންޓަނޭޝަނަލް ޕަސެންޖާ ޓާމިނަލްގެ ޒޯން ތިނެއްގެ ފުރަތަމަ ފަންގިފިލާގެ ސްލެބް މަަސައްކަތް ނިމިފައިވާކަން ހާމަކޮށް، އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އާ ޓާމިނަލްގެ މަސައްކަތް 2022 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށެވެ.

ވީއައިއޭގެ އާ އިންޓަނޭޝަނަލް ޕަސެންޖާ ޓާމިނަލް ހަދަނީ 78000 އަކަ މީޓަރުގެ ސަރަހައްދެއްގައެވެ. މި ޓާމިނަލުން ހިދުމަތް ދޭން ފެށުމާއެކު ވީއައިއޭ އިން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އާ ރަންވޭއެއްވެސް ވަނީ އަޅާފައެވެ. ކޯޑް-އެފް ގެ މި ރަންވޭގެ ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެއެވެ. މި ރަންވޭއަކީ އޭ380 މަރުކާގެ މަތިންދާބޯޓަށްވެސް ހިދުމަތް ދެވޭ ފެންވަރުގެ ރަންވޭއެކެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން، ތެޔޮ ރައްކާކުރުމަށް އާ ޓޭންކްތަކެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ތެޔޮ ރައްކާކުރުމަށް 37000 އަކަ މީޓަރުގެ ސަރަހައްދެއްގައި ބޮޑު ތިން ޓޭންކް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެމްއޭސީއެލް އިން ހާމަކުރާ ގޮތުގައި މި ޓޭންކްތަކުގައި 45 މިލިއަން ލީޓަރުގެ ޖެޓް އޭ1 ފިއުލް އާއި 1 މިލިއަން ލީޓަރުގެ ޑީސަލް އަދި 0.1 މިލިއަން ލީޓަރުގެ ޕެޓްރޯލް ރައްކާކުރެވޭނެއެވެ.