ފައިލް ފޮޓޯ: ފިޝަރީޒް މިނިސްޓްރީ ފޭސްބުކް ޕޭޖް

ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ހިއްސާ އިތުރުކޮށް، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ މުއްސަނދިކަމުން މަސްވެރިންނަށް އިތުރު ނަފާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރާ މަސައްކަތުގައި، ދިވެހި ޒުވާނުންނަށް އަމާޒުކޮށް ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ޕްރޮގްރާމަކީ ތިއަރީ ސެޝަންތަކާއި، އަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލެވިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލޭނު އެޅުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އުޅަނދެއްގައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި އެ ތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ، މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ އަމަލީ ތަޖުރިބާ ފޯރުކޮށްދީ ރާއްޖޭގައި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ކުރެވޭ ލޭނު މަސްވެރިކަމަށް ދިވެހި ޒުވާން މަސްވެރިންނަށް ފުރުސަތު ހޯދައިދީ ލޭނު މަސްވެރިކަމަށް އަހުލުވެރި ކުރުވުމެވެ.

ލޭނު މަސްވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށްގެންދާ އެ ތަމްރީންގައި، މަސްވެރިކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ނުވަތަ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ. އުމުރުން 18 އަހަރުވެފައިވާ ފަރާތްތަކަށް މި ޕްރޮގްރާމްގައި ބައިވެރިވެވޭއިރު 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް، ބެލެނިވެރިންގެ ހުއްދަ ލިބިގެން މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ފިޝަރީޒް މިނިސްޓްރީއަށް ނުވަތަ ކައުންސިލް އިދާރާއަށް ހުށަހެޅުމުގެ ފުރުސަތު އެޕްރީލް މަހުގެ ދެވަނަ ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.