ފްލައިޓެއް: ފޮޓޯ ޖެޓީ އިމޭޖްސް

ބޮއިންގް 737 މެކްސް އުފެއްދުން ވަގުތީ ގޮތުން ހުއްޓާލަނީ

ބޮއިންގް 737 މެކްސް މަރުކާގެ މަތިންދާބޯޓު އުފެއްދުން، ޖެނުއަރީ މަހުގެ ތެރޭގައި ވަގުތީ ގޮތުން ހުއްޓާލާނެ ކަމަށް ބޮއިންގް ކުންފުނިން ބުނެފިއެވެ.

ބޮއިންގް ކުންފުނީގެ ބޮއިންގް 737 މެކްސް މަރުކާގެ މަތިންދާބޯޓު އުފެއްދުން ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމާފައި މިވަނީ ނުވަ މަސް ދުވަހުގެ ތެރޭގައި އެ މަރުކާގެ ދެ މަތިންދާބޯޓު ވެއްޓުމުގެ ހާދިސާ ހިނގާފައި ވަނިކޮށެވެ.

އޭގެ ތެރެއިން އެއް ފްލައިޓަކީ އިންޑޮނީޝިއާގެ އެއާލައިނެއްގެ ފްލައިޓެކެވެ. އަދި އަނެއް ފްލައިޓަކީ އިތިއޯޕިއާގެ އެއާލައިނެއްގެ ފްލައިޓެކެވެ. އެ ދެ ހާދިސާގައި މަރުވި މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް އަރާއިރު، އެ ދެ ހާދިސާއަށްފަހު ބޮއިންގް 737 މެކްސް މަރުކާގެ މަތިންދާބޯޓުތައް އުދުހުން ހުއްޓާލައި ގްރައުންޑްކޮށްފައެވެ.

ބޮއިންގް ކުންފުނިން އުންމީދުކޮށްގެން ތިބީ، މިއަހަރު ނިމެންވާއިރަށް ބޮއިންގް 737 މެކްސް މަރުކާގެ ފްލައިޓްތައް ގްރައުންޑް ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަލުން ދަތުރުތައް ފެށޭނެ ކަމަށެވެ. ނަމަވެސް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ނިންމީ އެ މަރުކާގެ ފްލައިޓްތަކަށް އުދުހުމުގެ ހުއްދަ އެހާ އަވަހަށް ދެވެން ނެތް ކަމަށެވެ.