ބީއެމްއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ބީއެމްއެލް

ރަހުނަކާ ނުލައި ވިޔަފާރިތަކަށް ހާއްސަ ލޯނެއް ބީއެމްއެލް އިން ތައާރަފުކޮށްފި

ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލައި ދޫކުރުމަށް ހަމަޖެހިފައިވާ ވޯކިން ކެޕިޓަލް ފައިނޭންސް ފެސިލިޓީ ތަރާރަފުކޮށްފިއެވެ.

މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ފުޅާކޮށް، ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ކުރު މުއްދަތެއްގައި ހޯދުމަށް، ތިން މިލިއަން ރުފިޔާ އާ ހަމަޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ފެސިލިޓީއެކެވެ.

ވޯކިން ކެޕިޓަލް ފައިނޭންސިން މެދުވެރިކޮށް ފާއިތުވެދިޔަ ތިން އަހަރު ހޯދާފައިވާ އެވަރޭޖް ސޭލްސްގެ 20 އިންސައްތަ އާ ހަމަޔަށް ވިޔަފާރިތަކަށް ފައިނޭންސް ލިބޭނެއެވެ. އެ ގޮތުން ގިނަވެގެން ތިން މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ދޫކުރާއިރު، އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބިގެންދާނެއެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި އެ ފެސިލިޓީގެ ދަށުން ޑިމާންޑް ލޯނާއި، އޯވަޑްރާފްޓްސް، ބޭންކް ގެރެންޓީ، ލެޓާ އޮފް ކްރެޑިޓް އަދި ޓްރަސްޓް ރިސީޕްޓް ޑިމާންޑް ލޯނަށް އެދި ހުށަހެޅޭނެއެވެ.

މިއަދު ތައާރަފު ކުރެވުނު ޕްރޮޑަކްޓްގެ އިތުރުން ބިޒްނަސް ޑިވަލޮޕްމަންޓް ލޯން، ގެސްޓްހައުސް ލޯން، ރިއަލް އެސްޓޭޓް ލޯން އަދި ރީޓެއިލާސް ލޯން ގެ އިންޓްރެސްޓް ނުވަތަ ޕްރޮފިޓް ރޭޓް ވަނީ ދަށްކުރެވިފައެވެ. ލޯނުތަކަށް މި ގެނެވުނު ބަދަލުތައް ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކަށްވެސް ވަނީ ގެނެވިފައެވެ.

އެ ބަދަލުތަކާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އެ ފެސިލިޓީއަކީ އެއްވެސް ރަހުނަކާ ނުލައި ރާއްޖޭގައި ދޫކުރާ އެފަދަ ފުރަތަމަ ފައިނޭންސިން ފެސިލިޓީ ކަމަށެވެ.

"މިއީ ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އަޅުގަނޑުމެން ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ދަށުން ތައާރަފްކުރެވުނު ފެސިލިޓީއެއް. މިއާއެކު ވިޔަފާރިތަކަށް ބޭނުންވާ އަދި ފުރިހަމަ ބިޒްނަސް ޕްރޮޑަކްޓް ޕޯޓްފޯލިއެއް މި ވަނީ ގާއިމްކުރެވިފަ. ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ނުވަތަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިސާ މިހާރު ފަސޭހައިން  ހޯދުމަށް މިވަނީ މަގުފަހިވެފަ." ޓިމް ސޯޔާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51  ސެލްފްސާވިސް ބޭންކިން ސެންޓަރު، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.