ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއް ވީއައިއޭގައި - ފައިލް ފޮޓޯ ވީއައިއޭ ފޭސްބުކް

ޖޫން މަހު 56166 ފަތުރުވެރިން ޒިޔާރަތްކުރި

މިއަހަރުގެ ޖޫން މަހު ރާއްޖެއަށް 56،166 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖޫން މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނާއެކު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 510،549 އަށް އަރާފައެވެ.

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. ރަޝިއާއިން 124،651 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 24.4 އިންސައްތައެވެ. މި މުއްދަތުގައި އިންޑިއާއިން 89،675 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، މިއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 17.6 އިންސައްތައެވެ.

ތިންވަަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ޖަރުމަނުންނެވެ. ޖަރުމަނުން 27،838 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 5.5 އިންސައްތައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެގައި 154 ރިސޯޓް ދަނީ އޮޕަރޭޓް ކުރަމުންނެވެ. ހޮޓެލްސް އަދި ގެސްޓްހައުސް ހިމެނޭ ގޮތަށް 444 ތަނެއް އޮޕަރޭޓްކުރަމުންދާއިރު 140 ސަފާރީ ދަނީ އޮޕަރޭޓް ކުރަމުންނެވެ.