އެމްއެމްއޭ: ފައިލް ފޮޓޯ އެމްއެމްއޭ

ރިޒާވް 607 މިލިއަން ޑޮލަރަށް އަރައިފި

ދައުލަތުގެ ރިޒާވުގައި ހުރި މިންވަރު 607 މިލިއަން ޑޮލަރަށް އަރައިފިއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި މިއަހަރުގެ ނޮވެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ އަދަދަކީ މިއަހަރުގެ އޮކްޓޫބަރު މަސް ނިމުނުއިރު ދައުލަތުގެ ރިޒާވުގައި ހުރި މިންވަރެވެ. މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުނުއިރު ރިޒާވްގައި ހުރީ 530.8 މިލިއަން ޑޮލަރެވެ.

މިއަހަރުގެ ޖެނުއަރީ މަހު ރިޒާވްގައި ހުރީ 756.3 މިލިއަން ޑޮލަރެވެ. މިއަހަރު ރިޒާވް އެންމެ ބޮޑަށް އުފުލުނީ ފެބްރުއަރީ މަހު އެވެ. މިއަހަރުގެ ފެބްރުއަރީ މަހު، ރިޒާވް 938.6 މިލިއަން ޑޮލަރަށް އެރިއެވެ.

ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، ޔޫޒަބަލް ރިޒާވް އޮކްޓޫބަރު މަހު ވަނީ އިތުރުވެފައެވެ. އޮކްޓޫބަރު މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 225.7 މިލިއަން ޑޮލަރެވެ. އެ އަދަދު ސެޕްޓެމްބަރު މަހު ހުރީ 204.2 މިލިއަން ޑޮލަރުގައެވެ.