ސްކޫޓްގެ ފްލައިޓެއް

ސްކޫޓުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލަނީ

ސިންގަޕޫރުގެ ބަޖެޓް އެއާލައިނެއް ކަމުގައިވާ ސްކޫޓް އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލަން އެ އެއާލައިނުން ނިންމައިފިއެވެ.

ސްކޫޓުން ބުނި ގޮތުގައި، ރާއްޖެ ހިމެނޭ ގޮތަށް ޖުމުލަ ހަތަރު މަންޒިލަކަށް އެ އެއާލައިނުން ކުރާ ދަތުރުތައް ހުއްޓާލަނީ ޑިމާންޑް ދަށްވުމާއި އެއާކްރާފްޓް މަދުވުމުގެ ސަބަބުންނެވެ.

ރާއްޖެއަށް ކުރާ ދަތުރުތައް އެ އެއާލައިނުން ހުއްޓާލަން ނިންމާފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ސްކޫޓުން މިހާރު ދަނީ ހަފުތާއަކު ހަތަރު ދަތުރު ރާއްޖެއަށް ކުރަމުންނެވެ.

ސްކޫޓުން ދަތުރުކުރުން ހުއްޓާލަން ނިންމާފައިވާ އިތުރު މަންޒިލުތަކުގެ ތެރޭގައި އިންޑިއާގެ ލަކަނޫ އާއި ފިލިޕީންސްގެ ބޯރަކައި އަދި ޗައިނާގެ ގުއާންޒޫ ހިމެނެއެވެ. ލަކަނޫ އާއި ބޯރަކައި އަށް ދަތުރުކުރުން ހުއްޓާލާނީ ޖޫން މަހަށްފަހުއެވެ. ގުއަންޒޫއަށް ކުރާ ދަތުރުތައް ހުއްޓާލާނީ އޮގަސްޓް މަހުއެވެ.