ރާއްޖޭގައި ރުޕޭ ކާޑު ބޭނުން ކުރެވޭ ގޮތް ހަދަނީ
އިންޑިއާގައި މަގުބޫލުކަން ހޯދާފައިވާ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހެދުމާއި ގުޅޭ އެއްބަސްވުމެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) ސޮއިކޮށްފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ބައިވެރިވުމާއެކު އެ އެމްއޯޔޫގައި ސޮއިކުރުން އޮތީ އިއްޔެ ރައީސް އޮފީހުގައެވެ.
މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ރުޕޭ ކާޑު ބޭނުން ކުރެވޭގޮތް ހަމަޖެހިގެންދާނެއެވެ. ރުޕޭ އަކީ އިންޑިޔާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެފަދަ ދެވަނައެއް ނެތް ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ.
މި އަހަރު ރުޕޭ ނެޓްވޯކުން އޮންލައިންކޮށް އަދި މާޗަންޓުން މެދުވެރިކޮށް އެއް ބިލިއަން ޓަރާންސެކްޝަން ވަނީ ހަދާފައެވެ. އަދި ރުޕޭ ކާޑު ބޭނުންކުރެވޭ އޭޓީއެމް އާއި ޕީއޯއެސް އަދި ވެބްސައިޓްތައް އިތުރުކުރުމުގެ ގޮތުން ރުޕޭއިން ވަނީ އިންޑިއާ އަދި ބައިނަލްއަގްވާމީ 600 އަށް ވުރެ ގިނަ ބޭންކާއި ޕާރޓްނާޝިޕް ހަދާފައެވެ.
އެ އެއްބަސްވުމާއި ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އެންޕީސީއައި އާ ގުޅިގެން ރާއްޖޭގައި ރުޕޭ ކާޑު ބޭނުން ކުރުމުގެ މަސައްކަތް ފެށުމަށް އެހީތެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ނަގުދު ފައިސާ ނުގެންގުޅޭ އަދި ޓެކްނޮލޮޖީއާ ރަހުމަތްތެރި މުޖުތަމައަކާ ދިމާލަށް ދަތުރުކުރުމަށް މިއީ އިންޑިއާގެ ސަރުކާރުގެ މުހިންމު އިސްނެގުމެއް. ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށުން ވެގެންދާނީ ރާއްޖެއަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތް ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް" ޓިމް ސޯޔާ ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް އާ އެންޕީސީއައި އާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ތަނުގައި ދެފަރާތް ގުޅިގެން ތައްޔާރުކުރެވޭ ޕްރީޕެއިޑް ކާޑު މެދުވެރިކޮށް އިންޑިއާގެ އޭޓީއެމްއާއި ޕީއޯއެސް މެޝިންގައި އެ ކާޑު ބޭނުންކުރުމުގެ އިތުރުން އިންޑިޔާގައި ޑިޖިޓަލްކޮށް ޕޭމަންޓް ހެދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.