މިނިސްޓަރު އިބްރާހީމް އަމީރް މަޖިލީހުގައި: ފައިލް ފޮޓޯ ރައްޔިތުންގެ މަޖިލިސް

2021 އަށް ލަފާކުރާ 34.7 ބިލިޔަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިފި

އަންނަ އަހަރަށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާއަށް، ބަޖެޓް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ.

އަންނަ އަހަރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން ޓެކުހުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.75 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އާމްދަނީ އިތުރުކުރުމަށް، އަންނަ އަހަރު ބައެއް ކަންކަން ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ޓެލެކޮމް ލައިސަންސް ފީއަށް ގެނައި ބަދަލާއި ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި އެއާޕޯޓް ސާވިސް ޗާޖުގެ ރޭޓުތައް ބަދަލުކުރުން ހިމެނެއެވެ.