ދައުލަތުގެ ހަރަދު 4.9 ބިލިއަން ރުފިޔާއަށް އަރައިފި
މިއަހަރުގެ މިހާތަނަށް ދައުލަތުން ކުރި ހަރަދު 4.9 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތުން ކުރި ހަރަދު ވަނީ 4.92 ބިލިއަން ރުފިޔާއަށް އަރާފައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދު ވަނީ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ކުރި ހަރަދު 5.85 ބިލިއަން ރުފިޔާއަށް އަރައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މި މުއްދަތުގައި މުވައްޒަފުންގެ މުސާރަ، އިނާޔަތް އަދި ޕެންޝަނަށް 1.65 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ. އިދާރީ އަދި ހިންގުމުގެ ހަރަދަށް 1.79 ބިލިއަން ރުފިޔާ، މި މުއްދަތުގައި ހޭދަވެފައިވެއެވެ.
އާމްދަނީގެ ގޮތުގައި މިއަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 3.7 ބިލިއަން ރުފިޔާއެވެ. ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ފަސް ބިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެއެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީގެ 85 އިންސައްތައަކީ ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއެވެ. ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް 3.15 ބިލިއަން ރުފިޔާ ލިބިފައިވާއިރު ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 565.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.