25 މާޗްގެ ނިޔަލަށް ރިކަރަންޓް ހަރަދުގެ ގްރާފް - އަދަދު މިލިއަން ރުފިޔާއިން.

ދައުލަތުގެ ހަރަދު 5.9 ބިލިއަން ރުފިޔާއަށް

މިއަހަރު ދައުލަތުން ކުރި ހަރަދު 5.9 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ހަރަދުކުރި މިންވަރެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ހަރަދުގެ 76 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. މިއަހަރު ދައުލަތުން ކުރި ހަރަދުގެ 24 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.

މިއަހަރުގެ މި މުއްދަތުގައި މުސާރަ، އިނާޔަތް އަދި ޕެންޝަނަށް 2.2 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. އިދާރީ އަދި ހިންގުމުގެ ހަރަދަށް 1.9 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.1 ބިލިއަން ރުފިޔާއެވެ. އާމްދަނީގެ 82 އިންސައްތައަކީ ޓެކްސް އާމްދަނީއެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި މިއަހަރު ދައުލަތަށް 3.39 ބިލިއަން ރުފިޔާ ލިބުނުއިރު ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 741.9 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.