ތިލަފުށި: ފައިލް ފޮޓޯ ޖީއެމްއައިޒެޑްއެލް ފޭސްބުކް ޕޭޖް

ތިލަފުށި އިނާ ލެގޫން ސަރަހައްދު ހުސްކުރަން އަންގައިފި

ކ. ތިލަފުށި އިނާ ލެގޫން ސަރަހައްދުގައި، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ ހުއްދަ ނެތި ބަހައްޓާފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުތަކާއި އެނޫންވެސް މުދާ ނެގުމަށް އެ ކުންފުނިން އަންގައިފިއެވެ.

ޖީއެމްއައިޒެޑްއެލް އިން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ބިމާއި ފަޅު ހިމެނޭ ގޮތަށް އާންމު ސަރަހައްދުތަކުގައި އެ ކުންފުނީގެ ހުއްދަނެތި ބަހައްޓާފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުތަކާއި، އެނޫންވެސް މުދަލާއި ތަކެތީގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަނަށާއި ތިލަފުށީގެ ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ދަތިވާތީ އެތަކެތި ނެގުމަށް ކުރިންވެސް ފުރުސަތު ދެވިފައިވާ ކަމަށެވެ.

"ނަމަވެސް މިހާތަނަށް ވެސް މިތަކެތި ނަގާފައިނުވާތީ، 25 މާރޗް 2020 ގެ ކުރިން މިތަކެތި ކ. ތިލަފުށީގެ އިނަރ ލެގޫން ސަރަހައްދުން ނަގާ ސާފުކުރުމަށް އަންގާ" ކަމަށް އިއުލާނުގައިވެއެވެ. އަދި އިއުލާނުގެ މުއްދަތު ހަމަވުމަށްފަހު އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

އެތަކެތި ހުރުމުގެ ސަބަބުން، އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުނި މެނޭޖްކުރުމުގެ މަޝްރޫއަށްވެސް ދަތިވަމުންދާކަން އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ. ދެވިފައިވާ މުއްދަތުގައި އެ ސަރަހައްދުގައިވާ ތަކެތި ނުނަގައިފިނަމަ، އެތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް ޖީއެމްއައިޒެޑްއެލް އިން ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް ކުންފުނިން ޒިންމާ ނުވާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ތިލަފުއްޓާއި ގުޅިފަޅުގެ ބިމާއި ފަޅު ހިމެނޭ ގޮތަށް އާންމު ސަރަހައްދުތަކުގައި ޖީއެމްއައިޒެޑްއެލްގެ ހުއްދަ ނެތި ބަހައްޓާފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުތަކާއި، އެނޫންވެސް މުދާ ނެގުމަށް އަންގާ އެކި ފަހަރު މަތިން ވަނީ އިއުލާނުކޮށްފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުން އެ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިނެވެ. ޖީއެމްއައިޒެޑްއެލް އިން 19 ޖޫން 2019 ގައި ކުރި އިއުލާނާއެކު، ތަކެތި ނެގުމަށް އެ ތާރީހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދިނެވެ. އެ އިއުލާނާއި ގުޅިގެންވެސް ތަކެތި ނަގާފައިނުވާތީ 21 ޖުލައި 2019 އިން ފެށިގެން 14 ދުވަހުގެ މުއްދަތެއް ވަނީ ދީފައެެވެ.