މާލޭގެ މަގުމަތި: ފޮޓޯ ޕޮލިސް

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 292 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19 އާ ގުޅިގެން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 292.8 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 18534 މީހަކަށް އިންކަމް ސަޕޯޓް އެލަވެންސް ދޫކޮށްފައިވެއެވެ.

އެ މިނިސްޓްރީގެ ވެބްސައިޓްގައިވާ ގޮތުން އެ އެލަވަންސް ފޯރުކޮށްދެވޭނީ އެޕްރީލް 2020 އިން ޑިސެމްބަރު 2020 ގެ ނިޔަލަށް ޝަރުތު ހަމަވާ ވަކިވަކި ފަރުދުންނަށެވެ. އޭގެ ތެރޭގައި ކޮވިޑް-19 އާ ގުޅުންހުރި ސަބަބަކާ ގުޅިގެން ދިވެހިންގެ ތެރެއިން މިވަގުތު ވަޒީފާއެއް ނެތް ފަރާތްތަކާއި ނޯ ޕޭ ލީވްގައި ހުރި ފަރާތްތަކާއި، މުސާރައިން ބައެއް އުނިކޮށްފައިވާ ފަރާތްތަކުގެ އިތުރުން އާމްދަނީ ހޯދުމަށް ދަތިވެފައިވާ (އަމިއްލަ މަސައްކަތްކުރާ / ފްރީލާންސް މަސައްކަތްތެރީން) ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައިވާ ގޮތުން 5000 ރުފިޔާއާ ހަމަޔަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ އަދި އިޖުތިމާއީ ދާއިރާއަށް 1.49 ބިލިއަން ރުފިޔާ މިހާތަނަށް ހޭދަކުރެވިފައިވާއިރު އިކޮނޮމިކް ރެސްޕޮންސްގެ ގޮތުގައި ޖުމްލަ 1.53 ބިލިއަން ރުފިޔާ ވަނީ ހޭދަކުރެވިފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 ރިކަވަރީ ލޯން ސްކީމްގެ ދަށުން މިހާތަނަށް 1.15 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އޭގެ އިތުރުން 46،392 ގޭބީސީއެއްގެ ފެން ބިލުން 10.2 މިލިއަން ރުފިޔާގެ ޑިސްކައުންޓް އަދި 98،722 ގޭބީސީއެއްގެ ކަރަންޓު ބިލުން 48.2 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދެވިފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.