ފަރެސްމާތޮޑާ އެއާޕޯޓް މަޝްރޫއުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ އެމްޓީސީސީ

ފަރެސްމާތޮޑާ އެއާޕޯޓްގެ ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކާއި އޭބީސީ މަސައްކަތްތައް ނިންމާލައިފި

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކާއި އޭބީސީ މަސައްކަތްތައް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރި ގޮތުގައި، ފަރެސްމާތޮޑާ އެއާޕޯޓް މަޝްރޫއުގެ ޓާމިނަލް އިމާރާތުގެ ސްޓީލް ސްޓްރަކްޗާ އެސެމްބްލީ މަސައްކަތުގެ 81 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގެ މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭ އަދި އޭޕްރަންގެ މަސައްކަތް ހިމެނެއެވެ. އޭގެ އިތުރުން ފަޔަ ޕެޑް އަދި ފަޔަ ރޯޑެއް ގާއިމުކުރުމާއި، ފަޔަ ބިލްޑިންގްއެއް އިމާރާތްކުރުމާއި ޓާމިނަލް ބިލްޑިންގްއެއް އިމާރާތްކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.