ސޯޝަލް ޑިސްޓެންސިންގައި އެސްޓީއޯ ސުޕަމާޓުން ނަމޫނާ ދައްކައިފި
ކޮވިޑް-19 އާ ގުޅިގެން، ސޯޝަލް ޑިސްޓެންސިންގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ނަމޫނާ ދައްކައިފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ވަނީ އެ ފިހާރައިގެ ސޭލްސް ކައުންޓަރުތަކަށް ކަސްޓަމަރުން ކިޔު ހަދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއް ކަސްޓަމަރާއި އަނެއް ކަސްޓަމަރާއި ދެމެދު ބަހައްޓަންވީ ދުރުމިން ފާހަގަކޮށްދީފައެވެ.
ކޮވިޑް-19 އާ ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެސްޓީއޯ އިން ދަނީ ކުރަމުންނެވެ. އެގޮތުން 29 މާޗް އިން އެޕްރީލް މަހުގެ ދެވަނަ ދުވަހަށް އެސްޓީއޯގެ ވީހާވެސް ގިނަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެެވެ. އެ މުއްދަތުގައި ސިޓީ، އެގްރީމަންޓް އަދި އެނޫންވެސް ލިޔުންތައް ފޮނުވާނެ އީމެއިލް އެޑްރެސްތައްވެސް އެސްޓީއޯއިން ވަނީ އާންމުކޮށްފައެވެ.
އެސްޓީއޯގެ ބައެއް ތަންތަނުން، މިމަަހުގެ 29 އިން އެޕްރީލް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހިދުމަތް ދޭނެ ގަޑިތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.
ސްޓޭޕަލް ފުޑްސް – ހެނދުނު 08:00 އިން ހަވީރު 04:00 އަށް.
ހޯމް އިމްޕްރޫވްމަންޓް އަދި ހޯމް އިމްޕްރޫވްމަންޓް ވެއާހައުސް - ހެނދުނު 10:00 އިން އިރުއޮއްސި 06:00 އަށް.
ސާވިސް ސެންޓަރު – ހެނދުނު 09:00 އިން ހަވީރު 04:30 އަށް.
ހުޅުމާލެ ފިހާރަ އަދި ވިލިމާލެ ފިހާރަ – ހެނދުނު 08:00 އިން މެންދުރު 12:00 އަށް / މެންދުރު 01:00 އިން އިރުއޮއްސި 06:00 އަށް / ރޭގަނޑު 08:00 އިން ރޭގަނޑު 10:00 އަށް.
ހއ. ހޯރަފުށި ފިހާރަ، ހދ. ކުޅުދުއްފުށި ފިހާރަ، ބ. އޭދަފުށި ފިހާރަ، ލ. ފޮނަދޫ ފިހާރަ، ގއ. ވިލިނގިލި ފިހާރަ، ގދ. ތިނަދޫ ފިހާރަ، ޏ. ފުވައްމުލަކު ފިހާރަ، ސ. ހިތަދޫ ފިހާރަ، ސ. މަރަދޫފޭދޫ ފިހާރަ، ސ. ފޭދޫ ފިހާރަ އަދި ސ. ހުޅުމީދޫ ފިހާރަ – ހެނދުނު 09:00 އިން ހަވީރު 05:00 އަށް.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16 އަށް އަރާފައެވެ.