މަންޓާ އެއާގެ ދަތުރުތަކަށް ގެންނަ ފްލައިޓެއް:

މަންޓާ އެއާއިން ސީޕްލޭން ދަތުރުތަކަށް ތައްޔާރުވަނީ

މަންޓާ އެއާގެ ސީޕްލޭން ދަތުރުތައް ފެށުމަށް އެ އެއާލައިނުން ތައްޔާރުވާން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން، މަންޓާ އެއާގެ ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫން ވިދާޅުވި ގޮތުގައި ސީޕްލޭން ދަތުރުތައް ފެށުން ލަސްވަނީ އޭވިއޭޝަނުން ނަގަންޖެހޭ ބައެއް ހުއްދަތައް ހުރުމުންނެވެ.

އެ ހުއްދަތައް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަންނަ މަހުގެ ތެރޭގައި ސީޕްލޭން ދަތުރުތައް ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށް މަންޓާ އެއާއިން ބުނެއެވެ.

މަންޓާ އެއާއިން ބުނި ގޮތުގައި ހުއްދަ ލިބުނުހާ އަވަހަށް ހަތަރު ސީޕްލޭން ބޯޓު ރާއްޖެ ގެންނާނެއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެ އެއާލައިންގެ ސީޕްލޭން ފްލީޓް 10 އަކަށް އިތުރުކުރާނެއެވެ.

މަންޓާ އެއާއިން ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދ. ކުޑަހުވަދޫ އަދި ބ. ދަރަވަންދޫ އެއާޕޯޓާ ދެމެދު ކޮމާޝަލް ދަތުރުތައް ބާއްވަމުންނެވެ.