ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑަކުން ހިދުމަތް ދެނީ: ފައިލް ފޮޓޯ އެފްއެސްއެމް

ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މީގެ ހަތަރުމަސް ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮފީފާއެއްގެ އަގު ހުރި މިންވަރާ އަޅާބަލާއިރު މިހާރު ތެޔޮފީފާއެއްގެ އަގު ދެގުނަ ބޮޑުވެފައިވާ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް މިއައި ބޮޑު ބަދަލާއެކު، ކުންފުނިން ފޯރުކޮށްދެމުންދާ ތެލުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި މިއަދުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގުތައް ވަނީ ހާމަކޮށްފައެވެ.

އެސްޓީއޯއިން ހާމަކުރި ގޮތުގައި މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 9.79 ރ. އަށެވެ. ޕެޓްރޯލް ލީޓަރެއް ވިއްކާނީ 8.85 ރ. އަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ މިދިޔަ މަހުގެ ތެރޭގައިވެސް އެސްޓީއޯއިން ވަނީ ޑީސަލްއާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން ޑީސަލް ލީޓަރެއް 9.19 ރ. އަށް އަދި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 8.44 ރ. އަށް ބޮޑުކޮށްފައެވެ.