ސްޓެލްކޯ އިން ގޭގެއަށް ގޮސްގެން މީޓަރުގެ ރީޑިން ނަގަން ފަށައިފި
ޖޫން މަހުގެ ކަރަންޓް ބިލު ހެދުމަށްޓަކައި، ގޭގެއަށް ގޮސްގެން މީޓަރުތަކުގެ ރީޑިން ނެގުމަށް ނިންމާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތުގައި އެ ކުންފުނީގެ ކަސްޓަމަރުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ފާއިތުވި ދެ މަހުވެސް ބިލް ހަދަމުން އައިސްފައިވަނީ ސްޓެލްކޯގެ ވެބް ޕޯޓަލް މެދުވެރިކޮށް ލިބެމުން އައި މީޓަރުގެ ފޮޓޯތަކަށް ކަމަށެވެ.
ނޫސްބަޔާނުގައި ސްޓެލްކޯ އިން ބުނީ ވެބް ޕޯޓަލް މެދުވެރިކޮށް މީޓަރުގެ ފޮޓޯ ފޮނުވުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި ފާއިތުވި ދެ މަހުވެސް ގިނަ މީޓަރުތަކެއްގެ ފޮޓޯ ނުލިބި ހުރުމުން ފޮޓޯ ނުލިބޭ މީޓަރުތަކަށް ބިލް ހަދާފައިވަނީ ފާއިތުވެދިޔަ މަސްތަކުގައި ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލައި އެވްރެޖަށް ކަމަށެވެ.
"ކަން މިހެން ހުރުމާއިއެކު، ސަރުކާރުގެ ފަރާތުން ފުރަބަންދަށް ލުއިތަކެއްދީފައިވާތީ، މިހިނގާ ޖޫން މަހުގެ ބިލް ހެދުމަށްޓަކައި ކުރިންވެސް އަމަލު ކުރަމުން އައިސްފައިވާ ގޮތަށް ގޭގެއަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގަން މިކުންފުނިން މިހާރު ވަނީ ނިންމާފަ" ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުރަ ބަންދަށް ލުއިތަކެއް ދީފައިވީ ނަމަވެސް، މިހާލަތުގައިވެސް ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭތީ، މިހާލަތާ ގުޅިގެން ވަދެ ނުކުމެވުމުގައި ދަތި ތަންތަނަށް ބިލް ހަދަމުންދާނީ ވެބް ޕޯޓަލް މެދުވެރިކޮށް ލިބޭ ފޮޓޯއަށް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. އަދި ފޮޓޯ ނުލިބޭ ތަންތަނަށް ކުރީގެ މަސްތަކުގެ އެވްރެޖަށް ބިލް ހަދަމުން ގެންދާއިރު، ފޮޓޯ ފޮނުވަން ޖެހޭ ކަސްޓަމަރުންނަށް އެކަން އެސްއެމްއެސް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށްވެސް ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
ސްޓެލްކޯ އިން ބުނީ ރީޑިން ނަގަން ފެށުމާއެކު، ކުރިންވެސް އިއުލާނުކޮށްފައިވާ ގޮތަށް އެވްރެޖް ބިލް ފޮނުވާފައިވާ ކަސްޓަމަރުންގެ ބިލްތަކަށް ގެންނަންޖެހޭ އެޖަސްޓްމަންޓް ނުވަތަ ބަދަލުތައް ކުންފުނިން ގެންނަމުން ގެންދާނެ ކަމަށެވެ.