ސްޓެލްކޯ ފެން ޕޯސްޓަރެއް

ސްޓެލްކޯ ފެން ޑިސްޓްރިބިއުޓް ކުރަން ޝައުގުވެރިވާ ފަރާތްތައް ހޯދަނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ ފެން ޑިސްޓްރިބިއުޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްޓެލްކޯ އިން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިންދޭ މައުލޫމާތާއި ކަނޑައަޅާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސްޓެލްކޯ ފެން ޑިސްޓްރިބިއުޓް ކުރަން ޝައުގުވެރިވާ އެންމެހާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ ހެނދުނު 10:30 އަށް ސްޓެލްކޯ ހެޑް އޮފީސް، ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ވަޑައިގެން މައުލޫމާތު އޮޅުންފިލުވުމަށްފަހު އަންނަ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުގެ 14:00 ގެ ކުރިން ސްޓެލްކޯއަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ.

ވިޔަފާރީގައި ބޭނުންކުރާނެ މައިގަނޑު ވަސީލަތްތަކާއި ޑިސްޓްރިބިއުޓް ކުރަން ރޭވިފައިވާ ގޮތް، ޕްރޮޕޯސަލްގައި ބަޔާންކޮށްދޭން ޖެހޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އޭގެ އިތުރުން މައިގަނޑު ކަސްޓަމަރުންނަކީ ކޮބައިކަމާއި، ކުރިއަށް އޮތް ހަ މަސް ދުވަހަށް ލަފާކުރެވޭ ސޭލްސް އަދި ފެން ޑިސްޓްރިބިއުޓަރުކަން ކުރުމުގެ ގާބިލުކަން ހުރި މިންވަރު ޕްރޮޕޯސަލްގައި ބަޔާންކޮށްދޭން ޖެހެއެވެ.

ކަރަންޓު ކުންފުނި ސްޓެލްކޯ އިން، "ސްޓެލްކޯ ފެން" ތައާރަފުކޮށް ވިއްކަން ފެށީ 2017 ވަނަ އަހަރުއެވެ. ސްޓެލްކޯ އިން އޭރު ވަނީ 330 އެމްއެލް އާއި 500 އެމްއެލް އާއި އެއް ލީޓަރު އަދި ފަސް ލީޓަރުގެ ފުޅި ތައާރަފުކޮށްފައެވެ.