ބޮއިން 737 މެކްސްގެ ފްލައިޓެއް

ބޮއިންގެ ބޮޑު އޯޑަރެއް ކެންސަލްވެއްޖެ

ސައުދީ އަރަބިއްޔާގެ ލޯ-ކޮސްޓް އެއާލައިން، ފްލައިއަޑީލް އިން ކުރި ބޮއިން 737 މެކްސްގެ 30 މަތިންދާބޯޓުގެ އޯޑަރު ކެންސަލްކޮށްފިއެވެ.

ފްލައިއަޑީލް އިން އެ ނިންމުން ނިންމާފައި ވަނީ ބޮއިން 737 މެކްސް މަރުކާގެ ދެ ފްލައިޓެއް ވެއްޓުމުގެ ހާދިސާ ހިނގާފައިވަނިކޮށެވެ. ފުރަތަމަ ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެ ހާދިސާގައި ވެއްޓިފައިވަނީ އިންޑޮނީޝިއާގެ އެއާލައިނެއްގެ ފްލައިޓެކެވެ. ދެވަނަ ހާދިސާ ހިނގާފައިވަނީ މިއަހަރުގެ މާޗް މަހުއެވެ. އެހާދިސާގައި ވެއްޓިފައިވަނީ އިތިއޯޕިއާގެ ފްލައިޓެކެވެ.

އެ ދެ ހާދިސާއަށްފަހު، އެ މަރުކާގެ ފްލައިޓްތައް ވަނީ ގްރައުންޑްކޮށްފައެވެ. އަދި އެކަން ފްލައިޓްތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ބޮއިން އިން ދަނީ ކުރަމުންނެވެ.

ބޮއިން ކުންފުނިން ބުނީ "ފްލައިއަޑީލް" އިން ދީފައިވާ ފްލައިޓް އޯޑަރު ކުރިއަށް ނުގެންދިއުމަށް އެ އެއާލައިނުން ނިންމާފައިވާ ކަމަށެވެ.

ފްލައިއަޑީލް އިން މިހާރު ނިންމާފައިވަނީ އެއާބަސް އޭ320 މަރުކާގެ ފްލައިޓް ބޭނުން ކުރުމަށެވެ.

ފްލައިޓް ވެއްޓުމުގެ ދެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 100 މިލިއަން ޑޮލަރު ދޭން ނިންމާފައިވާކަން ބޮއިން ކުންފުނިން ވަނީ މިދިޔަ ހަފުތާގައި އިއުލާނުކޮށްފައެވެ.