މަންޓާ އެއާއިން ގެންނަ ސީޕްލޭން: ފޮޓޯ މަންޓާ އެއާ ފޭސްބުކް

މަންޓާ އެއާގެ ސީޕްލޭން ދަތުރުތަކަށް އިތުރު ފްލައިޓެއް ގެންނަނީ

މަންޓާ އެއާގެ ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރުމަށް އިތުރު ފްލައިޓެއް މާދަމާ ރާއްޖެ ގެންނާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ. މިއީ ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރުމަށް އެ އެއާލައިނުން ގެންނަ ފަސްވަނަ ފްލައިޓެވެ.

އެ އެއާލައިންގެ ސީޕްލޭން އޮޕަރޭޝަންތައް މިހާރު ރަސްމީކޮށް ފަށާފައިވާއިރު އެކަމަށްޓަކައި ސީޕްލޭން ޓާމިނަލަކާއި ލައުންޖެއް ވަނީ ހުޅުވާފައެވެ.

މަންޓާ އެއާގެ ސީޕްލޭންތަކަކީ ގާމިން ޖީ950 އެންއެކްސްއައި ނެކްސްޓް ޖެނެރޭޝަން ފްލައިޓް ޑެކް ޓެކްނޮލޮޖީއާއެކު ވެދާ ރާޑަރެއް ހިމެނޭ ފްލައިޓްތަކެކެވެ. މަންޓާ އެއާއިން ވަނީ އެ އެއާލައިންގެ ސީޕްލޭން އޮޕަރޭޝަނަށް ޖުމްލަ 10 ސީޕްލޭން ގެންނަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

މަންޓާ އެއާއިން މިހާރުވެސް ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދާލު އެއާޕޯޓާއި ދެމެދު އަދި ވީއައިއޭ އާއި ދަރަވަންދޫ އެއާޕޯޓާއި ދެމެދު ޝެޑިއުލް ކޮމާޝަލް ދަތުރުތައް ބާއްވަމުންނެވެ. އެ ދަތުރުތަކަށް އެ އެއާލައިނުން ބޭނުންކުރަނީ އޭޓީއާރް 600-72 މަރުކާގެ ފްލައިޓެވެ.