ފިނޭންސް މިނިސްޓަރު އަމީރު: ފައިލް ފޮޓޯ ފިނޭންސް މިނިސްޓްރީ ފޭސްބުކް

ޖީއެސްޓީ ގާނޫނަށް އިސްލާހު ގެންނަން އާންމުންގެ ހިޔާލު ހޯދަނީ

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނަން ނިންމާ، ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގެ ޓެކުހުގެ ނިޒާމަކީ ދެފުށް ފެންނަ، ހަމަހަމަ އުސޫލުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ނިޒާމަކަށް ހެދުމަށާއި އެ ނިޒާމަކީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ މިންގަނޑުތަކާ އެއް ހަމައެއްގައި ހުރި ނިޒާމަކަށް ހެދުމަށްޓަކައި، ޓެކުހާއި ގުޅޭ ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

މިއަހަރުގެ ތެރޭގައި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އިސްލާހުކުރުމަށް ނިންމާފައިވާތީ، އެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާއިމެދު ހިޔާލުފާޅުކުރުމުގެ ފުރުސަތު ހުޅުވާލީ ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

އެގާނޫނަށް އެއްވެސް އިސްލާހެއް ހުށަހަޅަން ބޭނުންނަމަ، މާޗް މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް އީމެއިލް ކުރަންޖެހެއެވެ.