މާފަރު އެއާޕޯޓަށް ޖައްސާފައި އޮތް ފްލައިޓެއް: ފައިލް ފޮޓޯ ސޯޝަލް މީޑިއާ : މާފަރު އެއާޕޯޓް ފޭސްބުކް ޕޭޖް

މާފަރު އެއާޕޯޓް އަންނަ މަހު ހުޅުވަނީ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ސެޕްޓެމްބަރުގެ ނިޔަލަށް ހުޅުވިގެންދާނެ ކަމަށް، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ވަނީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ހިދުމަތް ނުދެވި ލަސްވަނީ ކީއްވެތޯ މިނިސްޓަރު ނަހުލާއާ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، މާފަރު އެއާޕޯޓްގެ މަސައްކަތް ދޭތެރެއަކުން މަޑު ޖެހިގެން ދިޔަ ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވެގެން ދިއުމާއި ގުޅިގެން އަނެއްކާވެސް މަސައްކަތް ވަރަށް ހަލުވި ގޮތެއްގައި ހިނގާ، މިހާރު އެއާޕޯޓްގެ މަސައްކަތް އެއްކޮށް ކަހަލަ ގޮތަކަށް ނިމިފައިވާ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވި ގޮތުގައި، މާފަރު އެއާޕޯޓްގެ ބައެއް ކަންތައްތައް "ޗެކް ލިސްޓް"ގައި ހިމެނިފައިވެއެވެ. އަދި ސެޕްޓެމްބަރުގެ ނިޔަލަށް އެއާޕޯޓް ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވަނީ، މާވަރުލު އެއާޕޯޓްގެ މަޝްރޫއާއި ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ، މާވަރުލު އެއާޕޯޓްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމަން މަސައްކަތް ކުރަމުންދާ ކަމަށާއި މިއަހަރުގެ ނިޔަލަށް ނުނިމުނު ނަމަވެސް އަންނަ އަހަރުގެ ކުރީކޮޅު އެ އެއާޕޯޓްގެ މަސައްކަތް ނިމޭނެ ކަމަށެވެ.