ބީއެމްއެލްގެ މަސްވެރިޔާ ކާޑު ބޭނުންކޮށްގެން އެއްލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރު ތައާރަފު ކުރި މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ފެށިގެންދާ ޕްރޮމޯޝަންގައި މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ. މި ހާއްސަ ޕްރޮމޯޝަން ކުރިޔަށް ދާނީ 10 މާރިޗު 2020 ގެ ނިޔަލަށެވެ.

މަސްވެރިޔާ ކާޑަކީ ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ ހަރަދުތައްކުރުމަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ކާޑެކެވެ. މަސްދޯނިތަކަށް ބޭނުންވާ ތެޔޮ އަދި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާވެސް އެ ފަޅުވެރިންގެ މަސްވެރިޔާ ކާޑަށް ފޮނުވާލެވޭނެއެވެ. މި ކާޑު ޕީއޯއެސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ހިދުމަތް ހޯދުމަށްވެސް ބޭނުންކުރެވޭނެއެވެ. އަދި މީގެ އިތުރުން އޮންލައިން ވިޔާފާރިކުރުމަށާއި ރާއްޖޭން ބޭރުގައިވެސް މިކާޑު ބޭނުން ކުރެވޭނެއެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މިހާރު ހުޅުމާލޭ ހުރަވީ ސްކޫލުގައި ކުރިޔަށްދާ މަސްވެރިންގެ އެކްސްޕޯގައިވާ ބީއެމްއެލްގެ ސްޓޯލުން މަސްވެރިޔާ ކާޑާ ގުޅޭ މައުލޫމާތު ލިބޭނެއެވެ. އަދި މި ކާޑަށް އެދި ހުށަހަޅާ ފޯމުވެސް ބަލައިގަންނާނެއެވެ.