އުރީދޫ އިން އަގުހުރި އިނާމުތަކާއެކު "ކްރޭޒީ ރޭސް" ފަށައިފި

އުރީދޫ މޯލްޑިވްސް އިން "ކްރޭޒީ ރޭސް" ގެ ނަމުގައި އަގުހުރި އިނާމުތަކެއް ލިބޭ އެސްއެމްއެސް މުބާރާތެއް ފަށައިފިއެެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ބައިވެރިވުމަށް އެސްއެމްއެސް ކުރަން ޖެހޭނީ “GO” ޖެއްސެވުމަށްފަހު 4242 އަށެވެ.

"ކްރޭޒީ ރޭސް" މެދުވެރިކޮށް ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިންނަށް ދޭ އިނާމުތަކުގެ ތެރޭގައި ސެމްސަންގް ގެލެކްސީ ބަޑްސް، ސެމްސަންގް ގެލެކްސީ ވޮޗް، އެޕަލް އެއާޕޮޑް އަދި އެޕަލް ވޮޗް ހިމެނެއެވެ.

މުބާރާތުގައި ކޮންމެ މަހަކު ހޮވޭ ނަސީބުވެރިއަކަށް ސެމްސަންގް ގެލެކްސީ އެސް10 ގެ 128 ޖީބީ ފޯނެއް ލިބޭއިރު މުޅި މުބާރާތުން މޮޅުވާ ކުޅުންތެރިއަކަށް ޖެޓްސްކީއެއް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން ބުނި ގޮތުގައި "ކްރޭޒީ ރޭސް" ގެ ކުޅުންތެރިންގެ އަމާޒަކީ، އަހާލެވޭ ތަފާތު ސުވާލުތަކަށް ވީހާވެސް އަވަހަށް ޖަވާބު ރަނގަޅުކޮށް، ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. ސުވާލުތަކަށް ޖަވާބުދިނުން އަވަސްވާ ވަރަކަށް، ލިބޭ ޕޮއިންޓް އިތުރުވާނެ ކަމަށް އުރީދޫ އިން ބުންޏެވެ.