ފްލައިޓަކުން ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބަނީ: ފައިލް ފޮޓޯ ވީއައިއޭ

ފެބްރުއަރީ މަހު ރާއްޖެއަށް 96،881 ފަތުރުވެރިން ޒިޔާރަތްކުރި

މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް 96،881 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 188،984 އަށް އަރާފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަސް ނިމުނުއިރު ރާއްޖެއަށް 318،562 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

މިއަހަރުގެ ޖެނުވަރީ މަހު ރާއްޖެއަށް އެވަރެޖްކޮށް، ކޮންމެ ދުވަހަކު 2971 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ފެބްރުއަރީ މަހު އެވަރެޖްކޮށް ކޮންމެ ދުވަހަކު 3460 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ފެބްރުއަރީ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އެ މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު 5268 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެގައުމުން 44،039 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 23.3 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެގައުމުން 40،698 ފަތުރުވެރިން ޒިޔާރަތްކުރިއިރު އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 21.5 އިންސައްތައެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ ޔޫކްރޭނުންނެވެ. އެގައުމުން 12،549 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.