ޔޫކޭ ޓްރެވަލް ކޮރިޑޯ ލިސްޓުން ޔޫއޭއީ އުނިކޮށްފި

އިނގިރޭސިވިލާތުގެ ޓްރެވަލް ކޮރިޑޯ ލިސްޓުން ޔޫއޭއީ އުނިކޮށްފިއެވެ.

މި ލިސްޓުން ޔޫއޭއީ އުނިކޮށްފައިވަނީ އެ ގައުމުގައި ކޮވިޑް ފެތުރޭ މިންވަރު ފާއިތުވި ދުވަސްތަކުގެ ތެރޭގައި އިތުރުވެފައިވަނިކޮށެވެ. ޖީއެމްޓީ ގަޑިން އަންގާރަ ދުވަހުގެ 04:00 ގެ ފަހުން ޔޫއޭއީ އިން އިނގިރޭސިވިލާތަށް ޒިޔާރަތްކުރާ މީހުން 10 ދުވަހަށް ސެލްފް-އައިސޮލޭޓްވާން ޖެހޭނެއެވެ.

އިނގިރޭސިވިލާތުން ހާމަކުރި ގޮތުގައި ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ޔޫއޭއީގައި ކޮވިޑް ފެތުރޭ މިންވަރު ވަނީ 52 އިންސައްތަ އިތުރުވެފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއްގައި ނޫނީ ޔޫއޭއީ އަށް ދަތުރުނުކުރުމަށް އިނގިރޭސިވިލާތުން ވަނީ އެޑްވައިސް ނެރެފައެވެ.

މިހާތަނަށް މުޅި ދުނިޔެއިން 92 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، މި ބަލިން މިހާތަނަށް 65 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ. ބަލީގައި 1.9 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ކޮވިޑް އާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައެއް ގައުމުތަކުގައި މިހާރު ވަނީ އިމަޖެންސީގައި ވެކްސިން ދޭން ފަށާފައެވެ.