ފެނުގެ ހިދުމަތް މެދުކެނޑޭނެ ސަރަހައްދު އެމްޑަބްލިޔުއެސްސީ އިން ފާހަގަކޮށްފަ

މި ސަރަހައްދުން މިރޭ ފެނުގެ ހިދުމަތް މެދު ކެނޑޭނެ

މުނިޔާމަގުގެ ސަރަހައްދަކުން މިރޭ ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީ އިން ހާމަކުރި ގޮތުގައި ފެނުގެ ހިދުމަތް މެދު ކެނޑެނީ، މާލޭ ސިޓީ ކައުންސިލްގެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ މުނިޔާމަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށެވެ. އެގޮތުން މިރޭ 23:00 އިން 01:00 އަށް، ޝަހީދުއަލީހިނގުމާއި އިއްޒުއްދީންމަގާއި ދެމެދުން، މުނިޔާމަގުގައި ހިމެނޭ ހުރިހާ ގޭބީސީތަކުން، ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފައެވެ.

ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން، ސެގްމެންޓްތަކަށް ބަހާލައިގެން މަގުތައް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މީގެ ކުރިން ބުނެފައިވާ ގޮތުން، މާލޭ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހަދާ ހުރިހާ މަގެއްވެސް ހަދަނީ އެންމެ ޒަމާނީ ފެންވަރަށް އަދި މަގުތައް ހަދާ ނިމޭއިރު އިތުރަށް މަގު ކޮންނަން ނުޖެހޭނެ ގޮތަށެވެ.