ވީއައިއޭގެ ސީޕްލޭން ސަރަހައްދު : ފައިލް ފޮޓޯ ރައީސް އޮފީސް

އޭއެސްސީ އާއި އޭޑީއެފްގެ ގޮތުގައި 346 މިލިއަން ރުފިޔާ

އެއާޕޯޓް ސާވިސް ޗާޖް (އޭއެސްސީ) އާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) ގެ ގޮތުގައި ދައުލަތަށް 346.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން މި ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އޭއެސްސީގެ ގޮތުގައި 171.3 މިލިއަން ރުފިޔާ އަދި އޭޑީއެފްގެ ގޮތުގައި 174.8 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، އޭއެސްސީ އަދި އޭޑީއެފްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދަަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އޭއެސްސީގެ ގޮތުގައި ދައުލަތަށް 242.4 މިލިއަން ރުފިޔާ ލިބުނުއިރު އޭޑީއެފްގެ ގޮތުގައި 244.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެއާޕޯޓް ސާވިސް ޗާޖަކީ ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުން އަތުން، ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރުގެ ރޭޓުގައި ނެގޭ ޓެކުހެކެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން، މި ޓެކުހުން އިސްތިސްނާވާނެއެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަކީ 1 މޭ 2017 ނުވަތަ އެ ދުވަހުގެ ފަހުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއާޕޯޓް ސާވިސް ޗާޖްގެ އިތުރުން، ނެގޭ ފީއެކެވެ. މި ފީ ނެގޭ ރޭޓަކީ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރެވެ. މި ފީއިން އިސްތިސްނާ ކުރެވިފައިވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކެވެ.