ފެނުގެ ހިދުމަތް ކެނޑޭ ސަަރަހައްދު އެމްޑަބްލިޔުއެސްސީ އިން ފާހަގަކޮށްފަ: ފޮޓޯ އެމްޑަބްލިޔުއެސްސީ

މިސަރަހައްދުން މިރޭވެސް ފެނުގެ ހިދުމަތް ކެނޑޭނެ

މުނިޔާމަގުގެ ސަރަހައްދަކުން މިރޭވެސް ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީ އިން ހާމަކުރި ގޮތުގައި އެ ސަރަހައްދުގެ ގޭބީސީތަކުން ފެނުގެ ހިދުމަތް މެދުކެނޑެނީ، މާލޭ ސިޓީ ކައުންސިލްގެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ މުނިޔާމަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށެވެ.

އެގޮތުން މިރޭ 23:00 އިން 01:00 އަށް، ޝަހީދުއަލީހިނގުމާއި އިއްޒުއްދީންމަގާއި ދެމެދުން، މުނިޔާމަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުން، ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ވަނީ ބުނެފައެވެ. އެ ސަރަހައްދުގެ ފެން ހޮޅި ގުޅާލުމުގެ މަސައްކަތަށް މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ 23:00 އިން އަށްވަނަ ދުވަހުގެ މެންދަމު 01:00 ފެނުގެ ހިދުމަތް ކެނޑޭނެ ކަމަށް މީގެ ކުރިން ވަނީ އިއުލާނުކޮށްފައެވެ.

ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން، ސެގްމެންޓްތަކަށް ބަހާލައިގެން މަގުތައް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މީގެ ކުރިން ބުނެފައިވާ ގޮތުން، މާލޭ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހަދާ ހުރިހާ މަގެއްވެސް ހަދަނީ އެންމެ ޒަމާނީ ފެންވަރަށް އަދި މަގުތައް ހަދާ ނިމޭއިރު އިތުރަށް މަގު ކޮންނަން ނުޖެހޭނެ ގޮތަށެވެ.