ތަލައިވީގައި ކަންގަނާ

"ތަލައިވީ" ރިލީޒްކުރުން ފަސްކޮށްފި

ކަންގަނާ ރަނާވަތު ލީޑް ރޯލުން ފެނިގެންދާ ފިލްމް "ތަލައިވީ" ރިލީޒްކުރުން ފަސްކޮށްފިއެވެ.

ފިލްމްގެ ޕްރޮޑިއުސްކުރާ ވިޝްނޫ ވަރުދާން އިންދޫރީ އާއި ޝާއިލޭޝް ރ. ސިންގް އަދި ޒީ ސްޓޫޑިއޯސްއިން އާންމުކުރި ބަޔާނެއްގައިވަނީ ކޮވިޑް-19 ފެތުރެމުންދާ މިންވަރު އިތުރުވަމުންދާކަން ފާހަގަކޮށްފައެވެ. މިމަހުގެ 23 ވަނަ ދުވަހު ފިލްމް ރިލީޒްކުރަން ތައްޔާރުވެފައި އޮތް ނަމަވެސް އިންޑިއާ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ފިލްމް ރިލީޒްކުރުން ފަސްކުރީ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"ތަލައިވީ" ގެ ޓްރެއިލާ ރިލީޒްކުރުމުން ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔަކަން ފިލްމްގެ ޕްރޮޑިއުސަރުން ފާހަގަކޮށްފައިވެއެވެ. މި ފިލްމް އެކި ބަސްބަހުން ނެރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފިލްމަކީ ޓެމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔަލަލީތާގެ ބައޮޕިކް ފިލްމެވެ. ފިލްމްގައި ކަންގަނާ ފެނިގެންދާނީ ޖަޔަލަލީތާގެ ރޯލުންނެވެ. ފިލްމްގައި ޖަޔަލަލީތާގެ ރޯލަށް ކަންގަނާ ވަނީ ބަރުދަން އިތުރުކޮށްފައެވެ.