ކަންގަނާ ރަނާވަތު

ނޭވާލުމަކީވެސް މައްސަލައަކަށް ހަދާ މީހުން އުޅޭ: ކަންގަނާ

ނޭވާލުމުން އެކަންވެސް އެއީ މައްސަލައަކަށްވާ މީހުން އުޅޭ ކަމަށް ކަންގަނާ ރަނާވަތު ބުނެފިއެވެ.

ބަތަލާ ކަންގަނާ ރަނާވަތުގެ ކުރިއަށް އޮތް ފިލްމް "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ޓްރެއިލާ ރިލީޒްކުރުމަށް އަންގާރަ ދުވަހު ބޭއްވި ހަފުލާގައި ވާހަކަ ދައްކަމުން ކަންގަނާ ބުނީ ދިމާވާ އެފަދަ ކަންކަން އެނގިހުރެ، ކުރިއަށްދާން މިހާރު ދަސްކޮށްފައިވާ ކަމަށެވެ. ދިމާވާ ކަންކަމުގެ ސަބަބުން އަމިއްލަ ނަފުސަށް އުނދަގޫތައް ކުރިމަތިވި ނަމަވެސް، އެހެން މީހުންނަށް އެކަމުގެ އުނދަގޫ ނުފޯރާކަން ޔަގީން ކުރާ ކަމަށް ކަންގަނާ ބުންޏެވެ.

ކަންގަނާއަށް ފާޑުކިޔައި ދޭތެރެ ދޭތެރެއިން ތަފާތު ވާހަކަތައް ދަނީ ދެކެވެމުންނެވެ. އެގޮތުން ކަންގަނާއަކީ ސިކުނޑީގެ އުނިކަމެއް ހުރި މީހެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

"ޖަޖްމެންޓަލް ހޭ ކިޔާ" އަށް އެނަން ކިޔުމުގެ ކުރިން ކިޔާފައިވަނީ "މެންޓަލް ހޭ ކިޔާ" އެވެ. ފިލްމްގެ ނަން ބަދަލުކޮށްފައިވަނީ "މެންޓަލް ހޭ ކިޔާ" ކިޔުމުން ނަފުސާނީ ބަލި ތަހައްމަލުކުރާ މީހުންނަށް ބަދުބަސް ރައްދުވާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ޓްރެއިލާ ނެރުމުގެ ހަފުލާގައި ކަންގަނާ ވަނީ އެކަމަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓްކުރާ ކޮމެޑީ-ޑްރާމާ ނެރުމަށް މިހާރު ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ކްލެސިފިކޭޝަން އިން މި ފިލްމް ކްލެސިފައިކުރުމަށްފަހު މި ފިލްމަށް ދީފައިވަނީ ޔޫ/އޭ ސެޓްފިކެޓެވެ.