ފިލްމްގެ ޕޯސްޓަރެއް

އެންމެފަހުން "މެންޓަލް ހޭ ކިޔާ" ގެ ނަން ބަދަލުކޮށްފި

ކަންގަނާ ރަނާވަތު އާއި ރާޖްކުމާރް ރާއޯ ލީޑް ރޯލުން ފެނިގެންދާ ފިލްމް "މެންޓަލް ހޭ ކިޔާ" ގެ ނަން ބަދަލުކޮށްފިއެވެ.

ފިލްމީ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ފިލްމްގެ ނަން މިހާރު ވަނީ "ޖަޖްމެންޓަލް ހޭ ކިޔާ" އަށް ބަދަލުކޮށްފައެވެ. ފިލްމަށް "މެންޓަލް ހޭ ކިޔާ" ކިޔުމުން ނަފުސާނީ ބަލި ތަހައްމަލުކުރާ މީހުންނަށް ބަދުބަސް ރައްދުވާ ކަމަށް ބުނެ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ފިލްމް ޕްރޮޑިއުސްކުރާ ކުންފުނި ބަލާޖީ މޯޝަން ޕިކްޗާސް އިން ބުނީ ފިލްމްގެ ނަމާއި ގުޅޭ ގޮތުން ފާޅުކުރި ކަންބޮޑުވުންތަކަށްފަހު ފިލްމްގެ ނަން ބަދަލުކުރީ އެކަމުގެ ސަބަބުން އެއްވެސް ބަޔަކަށް ދެރައެއް ލިބެން ނޭދޭތީ ކަމަށެވެ.

ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓްކުރާ ކޮމެޑީ-ޑްރާމާ ނެރުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ. އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ކްލެސިފިކޭޝަން އިން މި ފިލްމް ކްލެސިފައިކުރުމަށްފަހު މި ފިލްމަށް ދީފައިވަނީ ޔޫ/އޭ ސެޓްފިކެޓެވެ.