"ޖަޖްމެންޓަލް ހޭ ކިޔާ" ގެ ތަރުހީބު ބޮޑުތަނުން ދަށަށް

ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓްކުރި ކޮމެޑީ ފިލްމް، "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ތަރުހީބު ބޮޑުތަނުން ދަށަށް ހިނގައްޖެއެވެ.

ކަންގަނާ ރަނާވަތު އާއި ރާޖްކުމާރް ރާއޯ ލީޑް ރޯލުން ފެނިގެންދާ އެ ފިލްމަށް ހަތް ދުވަސް ތެރޭގައި ލިބިފައިވަނީ 30 ކްރޯޑް ރުޕީސެވެ. ފިލްމް ރިލީޒްކުރި ދުވަހު 5.40 ކްރޯޑް ރުޕީސް ލިބުނުއިރު ދެވަނަ ދުވަހު 8.02 ކްރޯޑް ރުޕީސް އަދި ތިންވަނަ ދުވަހު 8.62 ކްރޯޑް ރުޕީސް ލިބިފައިވެއެވެ.

ފާއިތުވި ހަތަރު ދުވަހު ފިލްމް އެޅުވި ނަމަވެސް، އެއްވެސް ދުވަހަކު ފިލްމަށް ތިން ކްރޯޑް ރުޕީސްވެސް ލިބިފައިނުވެއެވެ.

ބޮލީވުޑްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ފިލްމް އެޅުވި ފުރަތަމަ ހަފުތާ ބަންދާއި އަޅާބަލާއިރު ފިލްމްގެ ތަރުހީބު މިހާރު ވަނީ 70 އިންސައްތަށް ދަށަށް ގޮސްފައެވެ.

ފިލްމް "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ތަރުހީބު ކުޑަވެފައިވާއިރު، އެ ފިލްމް ރިވިއުކުރި ބައެއް ކްރިޓިކުން ވަނީ އެ ފިލްމަކީ ރަނގަޅު ފިލްމެއް ކަމަށް ބުނެފައެވެ.